ބާސްކެޓްގެ އެއްވަނަ ރިޝްމާ ކަރުނައާއެކު ކޯޓުން ފައިބައިފި
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ (ރިޝްޓޯ) ކުޅުން ހުއްޓާލައިފި އެވެ. ކަރުނަޔާއެކު އޭނާ ކުޅުންތެރިއެއްގެ ޖަރޒީ ބޭލީ ރޭ ނިމުނު ކިންގްސް ކަޕް ފައިނަލް މެޗަށްފަހުއެވެ.
ކެރިއަރުގައި އޭނާ އެންމެ ފަހުން ލީ ޖަރޒީ އަކީ ކްއީންސްގެ 10 ނަމްބަރު ޖަޒީއެވެ. އެޖަރޒީގައި ކުޅުނު ފަހު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއެވެ. 22 އަހަރު އެންމެ މަތީ ފެންވަރުގައި ބާސްކެޓް ކުޅެ, ކުޅުންތެރިއެއްގެ ޖަރޒީ ބޭލިކަން އިއުލާނުކުރިއިރު އޭނާ ވަނީ ކޯޗިންގ ކެރިއަރު ފަށާފައެވެ.
އެއްވެސް މީހަކު ދެބަސްނުވާ ހަގީގަތަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއަކީ ރިޝްމާ ކަމެވެ. އަދި އޭނާގެ ކެރިއަރުގައި އަބަދުވެސް ހުރީ އެންމެ ޓޮޕްގައެވެ. ރިޝްމާ ކުޅުންތެރިއެއްގެ ޖަރޒީ ބޭލުމުން އެތައް ބަޔަކު އަންނަނީ އެކަމުގެ މާޔޫސްކަމާއެކު ރިޝްމާގެ ކެރިއަރުގެ ދެން އޮތް ޗެޕްޓަރއަށް މަރުހަބާ ކިޔަމުންނެވެ. އަދި އޭނާ ދިވެހި ކުޅިވަރާއި, ބާސްކެޓަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރަމުންނެވެ.
ކުޅިވަރު ވަޒީރު އަބްދުالله ރާފިއު ވިދާޅުވީ ރިޝްމާގެ ލެގަސީ ދިވެހި ކުޅިވަރުގައި އަބަދިވެސް ދިރި ދެމި އޮންނާނެ ކަމަށެވެ. ރިޝްމާގެ ކާމިޔާބު ކެރިއަރު ކައިރިން ފެނުނީތީ ޝުކުރު ވެރިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިދިޔަ 20 އަހަރު ރިޝްމާ ދިނީ ނިމުމެއް ނެތް ހަނދާންތަކެއް, ފިލާވަޅުތަކެއް އަދި ހިތްވަރެއް" މިނިސްޓަރ ވިދާޅުވިއެވެ.
ރިޝްމާ އަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު ބާސްކެޓްބޯޅަ ކުޅުންތެރިޔާވެސް މެއެވެ. އޭނާ ވަނީ 2006 ވަނަ އަހަރު ހަވީރުން ދިން ސްޕޯރޓްސް ވިމެން އޮފް ދަ އިޔަރ ގެ އެވޯޑް ހޯދާފައެވެ. އަދި އޭގެ ފަހުން 4 އަހަރު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދިއެވެ. ގައުމީ ޓީމް ސަރަހައްދީ ދެ ރިހި މެޑަލް ހޯދުމުގައިވެސް ރިޝްމާގެ ދައުރު ބޮޑެވެ.
ކުޅިވަރަށް ރިޝްމާ ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ 2017 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމް ދީފައެވެ. ރިޝްމާގެ ކުރިން އޭނާގެ ފިރިމީހާ މުޙައްމަދު ޒިލާލް ވަނީ ކުޅުން ހުއްޓާލާފައެވެ. ޒިލާލް އަކީ ފިރިހެން އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޒިލާލަށްވެސް ވަނީ ހިތްވަރު ދިނުމުގެ އިނާމް ދީފައެވެ. ޒިލާލް މިހާރު މަސައްކަތް ކުރަނީ ކޯޗިންގައެވެ.
ރިއެކްޝަންސް