ޤައުމީ ދުވަސް ފާހަގަކުރުމަށް މާއުނގޫދޫގައި ބޭއްވި ސަގާފީ ހަވީރު ނައިބުރައީސް ޝަރަފުވެރިކޮށްދެއްވައިފި
އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ސަގާފީ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ މި ސަގާފީ ހަވީރުގައި ޤައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއްވެސް އެސަރަޙައްދުގައި ގާއިމުކޮށްފައިވެއެވެ.
އަދި މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ޤައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހެޅުންވެސް އޮތެވެ.
މިސަގާފީ ހަވީރުގައި ހުށަޅައިދިން ހަރަކާތްތަކާ އެތަނުގައި ގާއިމުކޮށްފައިހުރި ސަޤާފީ ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.
އަދި މި ހަވީރުގެ ހަރަކާތްތަކުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާ ޢާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.
މީގެ އިތުރުން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫއަށް ވަޑައިގެންނެވި މެހުމާނުންގެ ޝަރަފުގައި މިރޭ ބާއްވާ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަތޮޅު ފެންވަރުގައި މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ށ. މާއުނގޫދޫގައެއެވެ.
އެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފާހަގަ ކޮށްލެވެއެވެ.
މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީވެސް ރައީސުލްޖުމްހުރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށުގައިވެސް ވަނީ ރަސްމީ ޖަލްސާއެއް ބާއްވާފައެވެ.
މީގެ އިތުރުން ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައިވެސް ވަނީ ގައުމީ ދުވަހުގެ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ޖަލްސާއެއް ބާއްވާފައެއެވެ.
ރިއެކްޝަންސް