ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި

22 hours ago - 09:54
Advertisement
Advertisement

ދެ ކައުންސިލެއްގެ ރައީސުންގެ މަގާމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދޭ ގޮތުގައި، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.


މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. މީގެއިތުރުން ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށްވެސް ވޯޓުލުން ދަނީ ކުރިއަށެވެ.


މި އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރާ ގޮތުގެ ތަފްސީލަށް ބަލާއިރު:

ވ. ތިނަދޫ ކައުންސިލުގެ ރައީސްކަން: މި މަގާމަށް ވާދަކުރައްވަނީ އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓަކާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެކެވެ.
ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަން: މި މަގާމަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓެކެވެ.
އައްޑޫސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަން: މި މަގާމަށް ވާދަކުރައްވަނީ ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.
ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރުކަން: މި މަގާމަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބައި-އިލެކްޝަނުގައި ވޯޓުލުމަށްޓަކައި ޖުމްލަ 10 ވޯޓުފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަތޮޅުތެރޭގައި ބެހެއްޓިފައިވާ 5 ވޯޓުފޮށްޓާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބެހެއްޓި 5 ވޯޓުފޮށްޓެވެ. މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3،776 މީހަކަށް ލިބިފައިވެއެވެ.


އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ 81 އޮފިޝަލުން ހަރަކާތްތެރިވަމުން އަންނައިރު، މި މަރުހަލާ އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް މޮނިޓަރުންނާއި، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement