ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް 6 ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ކުރިއަށްދިޔަ މި އިންތިހާބުގައި ޖުމްލަ 8 ބޭފުޅަކު ވާދަކުރެއްވިއެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންގްރެސްގައި ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބު ކުރަންޖެހޭއިރު، އެ އަދަދަށްވުރެ އިތުރަށް ބޭފުޅުން ކުރިމަތިލެއްވުމުން ވަނީ މަންދޫބުންގެ މެދުގައި ވޯޓު ނަގާފައެވެ.
ޖުމްލަ 1،095 މީހުން ވޯޓުގައި ބައިވެރިވި މި އިންތިހާބުގައި ވޯޓުލުމަށް ދީފައިވަނީ 7 މިނެޓުގެ ވަގުތެކެވެ.
ވޯޓުގެ ނަތީޖާ ތަރުތީބުވި ގޮތް:
އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު) - 968 ވޯޓު
އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު) - 964 ވޯޓު
ފާތިމަތު ސައުދާ (ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު) - 923 ވޯޓު
އިބްރާހީމް ޝުޖާއު (ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު) - 862 ވޯޓު
މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު) - 833 ވޯޓު
މުހައްމަދު ހުސައިން ޝަރީފް (ސަރުކާރުގެ ތަރުޖަމާނު) - 780 ވޯޓު
މި އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް (301 ވޯޓު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (288 ވޯޓު) އެވެ.
އިއްޔެ ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މިއަދު ދަނީ އެ ޕާޓީގެ އެތެރޭގެ އެހެނިހެން މުހިންމު މަގާމުތަކުގެ އިންތިހާބުތައްވެސް ކުރިއަށް ގެންދަމުންނެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
ރިއެކްޝަންސް

