ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާވިހަވެ ފަރުވާދޭން ފަށައިފި
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި މިހާރު ކުރިއަށްދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޖުމުލަ 24 ދަރިވަރަކު ކާނާވިހަވެގެން ވަނީ ސިއްހީ މަރުކަޒުތަކަށް ގެންގޮސްފައެވެ. އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރުން އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރުން އެޑްމިޓްކޮށްގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
މި ދަރިވަރުން ކާނާވިހަވީ ސީދާ ކޮން އެއްޗެއް ކައިގެން ކަމެއް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފަރުވާ ދެމުންދާ ބައެއް ދަރިވަރުންގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސައި، ހޮޑުލެވި އަދި ބޮޑުކަމުދިއުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.
މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖް) ގައި މިފަދަ ނުރައްކާތެރި ކާނާވިހަވުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި އެ ކޮލެޖުގައި ތަމްރީނު ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިންއިރު، އޭގެ ތެރެއިން ދެ ދަރިވަރެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ވެސް ފަރުވާދޭން ޖެހުނެވެ.
މިފަދަ ހާދިސާތައް ތަކުރާރުވަމުން ދާތީ، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ކެފޭ/ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަމުގެ ފެންވަރާމެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައެވެ.
ރިއެކްޝަންސް





