ތުރުކީއާއެކު ވެވުނު އެއްބަސްވުމާއެކު 85 މިލިއަން މީހުންގެ މާކެޓަކަށް ދިވެހި މަސް އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެއްޖެ
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު، 85 މިލިއަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ވަޒީރު ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ނަގަމުންދިޔަ ޑިއުޓީ މާފުވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ތުރުކީގެ ބޮޑު މާކެޓަށް ފޮނުވުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ މުދަލާއި އުފެއްދުންތައް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުނީ، މިދިޔަ އަހަރު ރައީސް މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ޤާނޫނީ އިޖުރާޢަތްތަކެއް މިހާރު ވަނީ ދެ ޤައުމުން ފުރިހަމަކޮށްފައެވެ.
ސަރުކާރުން ދެކޭގޮތުގައި މިއީ ޔޫރަޕުގެ މާކެޓަށް ދިވެހި އުފެއްދުންތައް ވެއްދުމަށް އެޅުނު މުހިންމު ފާލަމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވެ، ދިވެހި ރައްޔިތުންނަށް ތުރުކީގެ އުފެއްދުންތައް މިހާރަށްވުރެ އަގުހެޔޮކޮށް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ސަޢީދު ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް

