"ހޯޕް އައިލެންޑު"ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފި
ވަޒީރު އަލީ އިޙްސާން ވިދާޅުވީ ކުރިއަށްއޮތީ ފައިނެންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަަމަށް
ކުށްކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ގާއިމްކުރާ ރިހެބިލިޓޭޝަން ފެސިލިޓީ "ހޯޕް އައިލެންޑް"ގެ ކުރެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ ހޯޕް އައިލެންޑާ ގުޅޭ ގޮތުން މިހާރު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ހަމަޖެހިފައިވާ ގޮތްތައް އަންނަ ހަފުތާގައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.
ހޯޕް އައިލެންޑްގެ ކުރެހުން ނިމިފައިވާކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ނަމަވެސް އެކުރެހުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ދާޚިލީ ވަޒީރު އިޙްސާން ހާމަކުރައްވާފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ހޯޕް އައިލެންޑްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ދ.އަތޮޅުގައި ފުލުހުންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ޚާއްސަކޮށްފައިވާ ދ. އަތޮޅު ވާނި އެވެ.
އެ ފެސިލިޓީގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެކަމަށް ދާޚިލީ ވުޒާރާއިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.
މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް އަރައިގެންނަ މިންވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ ކަމަށާއި އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެއެވެ.
ހޯޕް އައިލެންޑްގައި ރިހެބިލިޓޭޓް ކުރުމުގެ މަރުހަލާގައި ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރިއެކްޝަންސް