ވޯލްޑްކަޕް ފެށިފަހުން 8،000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުދޭ
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށުނު ފަހުން ސްކޫލްތަކަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު 8،000 އަށްވުރެ މައްޗަށް ގޮސްފައިވާތީ، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ "ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް" އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މިއީ ވޯލްޑްކަޕްގެ ފޯރިގަދަ ދުވަސްވަރަކަށް ވީނަމަވެސް، މިހާ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދިއުމަކީ ތަޢުލީމީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ ތަފްސީލަށް ބައްލަވައި ވަޒީރު ވިދާޅުވީ، ހާޒިރުނުވާ ކުދިންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ކަމަށެވެ. އަދި މި މައްސަލައިގައި ބެލެނިވެރިންނާއި މުދައްރިސުން ވެސް އިތުރަށް ވިސްނަވަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ކައިރިން ބެލުމަށްޓަކައި ޚާއްޞަ ޕްލެޓްފޯމެއް ގާއިމްކޮށް، މި މަހުން ފެށިގެން ދަރިވަރުންގެ ހާޒިރީ ވަކިވަކިން ބަލަމުންދާ ކަމަށް ވެސް ވަޒީރު ޝަފީޢު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ހަނދާންކޮށްދެއްވީ، ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށާއި ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ރިއެކްޝަންސް





