އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު: ރައީސް

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު: ރައީސް

2 hours ago - 15:11
Advertisement
Advertisement

އިޤްތިޞާދު ހަރުދަނާކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް، ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕޭ ހާމަނައިޒްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަކީ، އެ ކުންފުންޏަކަށް އެންމެ އެކަށީގެންވާ ޢަދަދުކަމުގައި ކަށަވަރު ކުރުމަށް ޤައުމީ ފެނަވަރުގައި އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒްކުރައްވާ އެންމެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި، ގެއަށް ގެންދަން ލިބޭ އާމްދަނީގެ މިންވަރު ބޮޑުކުރުމާއި، މަސައްކަތުގެ އަޚްލާގު ހަރުދަނާކުރުން ހިމެނޭކަމުގައެވެ. އަދި އިޤްތިޞާދު ހަރުދަނާކުރުންވެސް މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭ ހާމަނައިޒޭޝަނާ ގުޅުންހުރި ކަންކަން ތަންފީޒުވަމުންދާއިރު، ވަކިވަކީން ރިޢާޔަތްކުރަންޖެހޭ ކޭސްތައްވެސް އެބަހުރިކަމަށާ، އެކަންކަން އެގޮތުގައި ބައްލަވައިގެން ކުރިއަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު، ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރެވޭ މަސައްކަތްތަކަކީ އަޚުލާޤީ ގޮތުން ވަކި ހަމަތަކަކާއި ފެންވަރެއް ހިފެހެއްޓުމަށް ކުރެވޭ ކަމެއްކަމަށާ، މިކަމުގެ ސަބަބުން ޚަރަދުތަކެއްވެސް ކުޑަކުރެވިގެންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަން މިފަދައިން ކުރެއްވުމަކީ، ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކަކީ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަކަށް ވާއިރު، ބޭރުގެ ޤައުމުތަކަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމަކީވެސް ނުހަނު މުހިންމު، އަދި ފަރުދީ ފެންވަރެއްގައި ރައްޔިތުންނާ ގުޅިފައި އޮންނަކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސްރަޙުގައި އަދު ކަންހިނގަމުންދާ ގޮތަށް ރިޢާޔަތްކުރައްވާ، އިޤްތިޞާދު ހަރުދަނާކޮށް ނެގެހެއްޓުމުގެ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement