އައްޑޫސިޓީ ހުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ދީލަތި އެހީގައި އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާކުރެއްވި ރީތި މިސްކިތް "މަސްޖިދު ޒުލައިޙާ މުޙައްމަދު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި މިސްކިތް ބިނާކުރެއްވި މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ މުޙައްމަދު ޞާލިޙުގެ ދީލަތިކަމަށް ވަރަށް ބޮޑަށް ސަނާވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މުޙައްމަދު ޞާލިޙުގެ އަމިއްލަފުޅު ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް، އެ ބިމުގައި މިސްކިތެއް ބިނާކުރެއްވުމަކީ އިސްލާމީ އުންމަތަށާއި، ވަކިން ހާއްސަކޮށް ރާއްޖޭގެ ޒުވާން ޖީލަށް ދެއްކެވި ވަރަށް ފުރިހަމަ އަދި ނަމޫނާ ފިލާވަޅެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި "މަސްޖިދު ޒުލައިޙާ މުޙައްމަދު" އަކީ އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ ޒަމާނީ ފަރުމާއަކަށް، ނަމާދުކުރާ މީހުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ.
މި މިސްކިތް ހުޅުވުމާއެކު، ހުޅުދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ދިވެހި ދަރިއަކު އެމަނިކުފާނުގެ އަމިއްލަ މުދަލުން ދީނީ ކަންކަމަށް ކުރެއްވި އަގުހުރި ހޭދައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ރިއެކްޝަންސް





