ބިދޭސީން އެތެރެކުރާ ނިޒާމު ހަރުދަނާކުރަން އެޖެންސީތަކެއް އުފައްދަނީ
ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކުރާ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ މަސައްކަތް ކުރާނެ ޚާއްޞަ އެޖެންސީތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖެއަކީ ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރާ ހަމައަށް ބިދޭސީން ގެންނަ 140 އަށް ވުރެ ގިނަ އެޖެންސީތައް ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، 2012 ވަނަ އަހަރާ ހަމައަށް އައިއިރު އެ އެޖެންސީތަކުގެ ދައުރު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މީގެ ސަބަބުން، ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީން ގެނައުމުގައި ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މައުލޫމާތު ލިބިފައި ހުރި ގޮތުންނަމަ ބިދޭސީއަކު ރާއްޖެއަށް ގެނައުމަށް 3،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ އަދަދުތަކުން ބިދޭސީންގެ އަތުން ފައިސާ ނަގައިގެން، ކޮމިޝަން ނަގައިގެން އެ ލައިންގައި ތިބޭ މީހުންނަށް ބައި އަޅައިގެން،" ބިދޭސީން އެތެރެކުރުމުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ބިދޭސީން އެތެރެކުރާނެ އެޖެންސީތައް ގާއިމްކޮށް، އެ ތަންތަން އޮޑިޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކުލަވާލާނެ ކަމަށް ވަޒީރު ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާކަން ވުޒާރާއިން ހާމަކުރެއެވެ. މި އޮޕަރޭޝަނުގެ ދަށުން:
- ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތާއި ފޮޓޯ އަދި އިނގިލީގެ ނިޝާން ނެގުން.
- ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުން ހޯދައި ޑިޕޯޓްކުރުން.
- ސައްޚަ ވޯކްޕާމިޓެއް ނެތް މީހުން ރާއްޖެއިން ބޭރުކުރުން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ދެނެގަނެ، އެމީހުން ޑިޕޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމެވެ. ހަމައެއާއެކު، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.
ރިއެކްޝަންސް





