މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކުރަނީ

މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކުރަނީ

3 months ago - 11:06
Jul 8, 2024 - 11:07
Advertisement

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ގައުމަށް އެކަށީގެންވާ ގޮތަކަށް ދައުލަތުގެ ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށާއި އެގޮތުން މަޖިލިހުގެ މެންބަރުންގެ އަދަދު މަދުކުރުމަކީ އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި އާބާދީ އިތުރުވަމުންދާ މިންވަރަށް މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮންނަ އޮތުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވެސް މެމްބަރުންގެ އަދަދު އިތުރުވާ، ދައުލަތުގެ ޚަރަދު އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. 

"މިހާރު މިދާގޮތަށް ދާނަމަ (މަޖިލިސް މެމްބަރުންގެ އަދަދު) 100 އަށް ނުވަތަ އެއަށްވުރެ މައްޗަށް އަރައިގެން ދާނެ އާބާދީ ބޮޑުވަމުންދާ ވަރަކަށް. އެއީ މާނައެއް ހުރިކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ކުޑަކުރަން ވިސްނާއިރު ވެސް މާ ކުޑަކޮށްލީމަ ވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް އަދަދު. އެއީ 77 މެމްބަރުން، 77 މެމްބަރުންނަށް އަދަދު ލިމިޓްކޮށް، މަޖިލިސް މެމްބަރުންގެ އަދަދު ހަމަޖެއްސުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ހޮވާ ރައްޔިތުން މަޖިލީހަކީ 93 ނޫން ކަމަށާއި އެއަށްވުރެ ބޮޑުވެގެންދާ އަދަދަކަށް ބަދަލުވުމުގެ ބަދަލުގައި 77 އަށް، ނޫންނަމަ އެހާ ހިސާބަށް، ގާތްގަނޑަކަށް އެވަރަށް ހަމަޖެހޭނެ ވަރުގެ އަދަދަކަށް ކުޑަކޮށް، ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަޖިލީހުގެ މެމްބަރުންނަށް ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

Advertisement

ރައީސް އެގޮތަށް ވިދާޅުވިއިރު، މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމުގެ މައްސަލައާ މެދު މަޖިލިސް މެމްބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް މިހާރު އޮތީ ފޮނުވާފަ އެވެ. ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަތަރު އިންތިހާބެއް ވަނީ ބާއްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އިންތިޚާބު ބޭއްވީ، 2009 ގަ އެވެ. އެފަހަރުއިންތިހާބުކުރި 77 މެމްބަރުންނެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު ބޭއްވި ދެވަނަ އިންތިޚާބުގައި އެ އަދަދު 85 އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭއްވި ތިންވަނަ އިންތިހާބުގައި 87 އަށް އިތުރުވި އެވެ. މިއަހަރު ބޭއްވި ހަތަރު ވަނަ އިންތިޚާބުގައި ހޮވަން ޖެހުނީ  93 މެމްބަރުންނެވެ. 

މެންބަރުންގެ އަދަދު އިތުރުވާ އތުރު ވުން ހުއްޓެވެން އޮތީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. ރައީސް ވިދާޅުވީ އެއިސްލާހު ގެންނަވާނެ ކަމަށެވެ. މަޖިލިސްގެ ސްޕަރ މެޖޯރިޓީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް އޮތުމުން މިއީ ރައީސްއަށް ކުރައްވަން ވަރަށް ފަސޭހަ ކަމަކަށްވާނެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement