އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި
ފޮޓޯ- ޕީއެސްއެމް

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

2 hours ago - 20:37

އެމްޑީޕީގެ އިދާރީ ގޮފީގެ އިސް ދެ މަގާމެއްގައި ތިއްބެވި ބޭފުޅުން ކަމަށްވާ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބްރޭ) އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މިއަދު މަގާމުން ވަކިކޮށްފިއެވެ.
މި ދެ ބޭފުޅުން މަގާމުން ވަކިކުރިކަން އެ ބޭފުޅުންނަށް އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް، މި ނިންމުން ނިންމި ސީދާ ސަބަބެއް އެމްޑީޕީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.


އިބްރާހިމް ވަހީދު މަގާމުން ވަކިކުރިކަން އަންގައި ޕާޓީގެ ވަގުތީ ޗެއާޕާސަން ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބު ވަކިކުރުމުގެ އިޚުތިޔާރު ލިބިގެންވާ ކަމަށެވެ. އެ މާއްދާގައި ޗެއާޕާސަންގެ ނައިބުން އައްޔަންކުރުމުގައި ގައުމީ މަޖިލީހުގެ ރުހުން ބޭނުންވި ނަމަވެސް، މަގާމުން ވަކިކުރުމުގައި ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ، އެ ބާރުގެ ދަށުން އޭނާ ވަކިކުރީ ކަމަށް ސިޓީގައިވެއެވެ.
ހަމައެއާއެކު، ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ލީގަލް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، މިހާތަނަށް ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.


މި ދެ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައި މިވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ޕާޓީގެ ލީޑަރޝިޕާ މެދު އާންމު މެންބަރުންގެ މެދުގައި ނުރުހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް، ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޕާޓީގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ވަގުތެއްގައެވެ. މި ބަދަލުތަކާ ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow