މެންބަރު އަސްމާ ޕާޓީން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޕީއެންސީން ދޮގުކޮށްފި

މެންބަރު އަސްމާ ޕާޓީން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޕީއެންސީން ދޮގުކޮށްފި

3 hours ago - 20:30

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.


މި މައްސަލަ ފެންމަތިވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ބައި-އިލެކްޝަންތަކުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ވާހަކަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެންނެވެ. އެ އޯޑިއޯގައި އަސްމާ ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފައެވެ.


މިކަމާ ގުޅިގެން އަސްމާގެ މައްސަލަ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި، އޭނާ ޕާޓީން ވަކިކުރުމަށް ރައީސް މުއިއްޒު އެންގެވި ކަމަށް ބުނެ އަޑުތައް ފެތުރުނު ނަމަވެސް، ފަލާހު ވަނީ އެކަން ސީދާ ދޮގުކުރައްވާފައެވެ.


"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަސްމާ ވަކިކުރާކަށް ނޫޅޭ. އޭނާގެ މައްސަލައެއް އަޅުގަނޑުމެންނެއް ނުވެސް ބަލަން،" ފަލާހު ވިދާޅުވިއެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، ގާނޫނުއަސާސީއަށް މި ފަހުން ގެނެވުނު އިސްލާހުގެ ދަށުން، މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ، އެ މެންބަރެއްގެ މަޖިލިސް ގޮނޑި ގެއްލޭނެއެވެ. އެހެންކަމުން، ޕީއެންސީން އަސްމާ ވަކިކޮށްފިނަމަ އޭނާގެ މެންބަރުކަން ގެއްލޭނެއެވެ.


އަސްމާ ޕާޓީން ވަކިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ، އޭނާގެ އާއިލީ ބޭފުޅުން ކަމަށްވާ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
ސަރުކާރުން އެ ދެ ބޭފުޅުން ވަކިކުރި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަސްމާ މީގެ ކުރިން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވެސް ވަނީ ވަކިކޮށްފައެވެ. އެއީ ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމަކާ ގުޅިގެން ރައީސް މުއިއްޒަށް އަމާޒުކޮށް މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ހޫނުވި ދުވަސްވަރުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow