އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގޭނީ ފުލުހުންނަށް: ރައީސް ޔާމީން

އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގޭނީ ފުލުހުންނަށް: ރައީސް ޔާމީން

2 hours ago - 21:11

ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ފުލުހުންގެ އިދާރާއަށް އަންގައިފިއެވެ.


ރައީސް ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް، ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މީޑިއާތަކުގައި އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މި މައްސަލައަކީ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ކަމަށްވެސް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.


ރައީސް ޔާމީންގެ ފަރާތްޕުޅުން މިފަދަ ސިޓީއެއް ފޮނުއްވާފައި މިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވުމުގެ ޗިޓާ ހަވާލުކުރުމަށް އިއްޔެގެ ވަގުތެއްގައި ފުލުހުން ޔާމީންގެ ގެކޮޅަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.


ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ، ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޑިސެމްބަރު 12، 2024 ގައި އެ އިމާރާތުގައި ރޯކޮށްލީ "ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ފުލުހުންނަށް އެނގޭނެ" ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. އެ ވާހަކަފުޅާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ވާހަކަތަކުގެ ހަގީގަތް ބަލައި ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގަވާފައެވެ.


މި ހާދިސާއާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައިވަނީ، ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން ދައްކާ ގޮތުގައި އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ނަރުތަކެއްގައި އަލިފާން ހިފުމުގެ ސަބަބުން ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow