އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށާއި، ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ޝަހީރު ވަނީ އެ ކުންފުނީގެ ބޯޑުން އައްޔަންކުރައްވާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް މީގެ ކުރިންވެސް ފުރުއްވާފައިވާ އަޙްމަދު ޝަހީރަކީ ވިޔަފާރިއާއި މެނޭޖްމަންޓް ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުގެ މަގާމާއި، ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ގެ މަގާމުވެސް ޝަހީރު ވަނީ ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެ މަގްސަދުގައި އާންމު ހިއްސާ އެކުލެވޭ ގޮތަށް އުފައްދާފައިވާ ސަރުކާރުގެ މައިގަނޑު އެއް ކުންފުންޏެވެ.
ރިއެކްޝަންސް

