ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އެމްޕީއެލް އިން ހުޅުވާލައިފި

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އެމްޕީއެލް އިން ހުޅުވާލައިފި

4 hours ago - 11:26
Advertisement
Advertisement

ދިވެހިރާއްޖޭގެ އެންމެ އުތުރުން ހއ. އުލިގަމުގައި ފެންވަރު ރަނގަޅު ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.


އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އުލިގަމަކީ ފެންވަރު ރަނގަޅު މެރިޓައިމް އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ތަޖުރިބާކާރު މާސްޓަރ ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމެވެ. މިއީ އުތުރުގެ އިގުތިސާދު ސިންދަފާތުކޮށް، ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުންނާއި އެ ކުންފުނިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން އުލިގަމު ކައުންސިލާއެކު އޮގަސްޓު 1، 2024 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ހަމަޖައްސާފައެވެ. މެރީނާގެ އަސާސީ އުމްރާނީ މަސައްކަތްތައް އެމްޕީއެލްއިން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ފަސް މީޓަރު ފުންމިނުގެ ބޭސިނަކާއި، ބްރޭކްވޯޓާ އަދި އައިއެސްޕީއެސް (ISPS) މިންގަނޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ.


މި މަޝްރޫއާ ހަވާލުވާ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި، މެރީނާ އޮޕަރޭޓްކުރުމުގެ އިތުރުން ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ފަޅުވެރިންނަށް ޚާއްސަ ވަސީލަތްތަކާއި، ވޯޓަރސްޕޯޓްސް އަދި ވެލްނެސް ފެސިލިޓީތައް ތަރައްގީކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި މި މަންޒިލް އިޝްތިހާރުކޮށް، ޔޮޓް ޗާޓަރު ކުރާ ކުންފުނިތަކާ ގުޅުން ގާއިމުކުރުމަކީވެސް ޑިވެލޮޕަރުގެ ޒިންމާއެއް ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.


އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތަކުގައި، އިރުދެކުނު އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ގުޅުވައިދޭ މަގުގައި އުލިގަން އޮންނަނީ ޖިއޮގްރަފީ ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ޔޮޓުތައް އެ ރަށަށް މަޑުކުރާއިރު، މި މަޝްރޫއުގެ އަމާޒަކީ މިހާރުވެސް އަންނަ ޔޮޓުތަކަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ފުރިހަމަ ހިދުމަތްދީ، އެކަން ރަސްމީ މެރީނާ އިގުތިސާދަކަށް ބަދަލުކޮށްގެން ގައުމަށް އިގުތިސާދީ މަންފާ ހޯދުމެވެ.


މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެމްޕީއެލްއިން ކަނޑައަޅާފައިވާ ގޮތުގައި، އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.


ޝައުގުވެރިވާ ފަރާތްތަކުން ފާއިތުވި ތިން އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި ބޭންކް ރެފަރެންސް ސިޓީއާއެކު، ޕްރޮޕޯސަލްތައް ޕީޑީއެފް (PDF) ފޯމެޓުގައި އެ ކުންފުނީގެ ޓެންޑަރ އީމެއިލަށް ފޮނުވަން ޖެހެއެވެ. މި މަޝްރޫއާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.


އަދި މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފުސީލީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހެޅުމަށްޓަކައި ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ފަހުން ދޫކުރާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement