އިންތިޚާބާ ގުޅިގެން މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފި
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމުމަކީ އިންތިޚާބު އޮންނަ ދުވަހު މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކޮށް ވޯޓުލާންދާ އާންމު ރައްޔިތުންނަށް މަގުމަތީގެ ހަރަކާތްތަކުގައި ލުއިފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި ނިންމާފައިވާ ނިންމުމެކެވެ.
މި އެންގުމުގައިވާ ގޮތުން، އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އެ ދުވަހުގެ ރޭގަނޑު 23:00 އާ ހަމައަށް ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ދުއްވުން މަނާކުރެވުނު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ C0, C2, D, E އަދި V ކެޓަގަރީގެ ބަރު އުޅަނދުތަކެވެ.
މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވަނީ، ކަނޑައެޅިފައިވާ ވަގުތުތަކުގައި މި ކެޓަގަރީތަކުގެ އުޅަނދުތައް ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވުމަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ.
އިންތިޚާބު އޮންނަ ދުވަހު މަގުމަތީގެ ތަރުތީބު ހިފެހެއްޓުމަށާއި އަމާން މާހައުލެއް ގާއިމުކުރުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ފުރިހަމައަށް އިހްތިރާމްކޮށް، ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް









