ހުޅުމާލެއިން މާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީ ސަރަހައްދުން މާލެއަށް ބަނގުރާ އުފުލައި، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މާރިޗު 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ސިނަމާލެ ބުރިޖު މަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުންގެ އަތުން 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަހުގީގީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މި ދެ މީހުން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަލައި، މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކޮށް، އިސްލާމީ ރީތި އުސޫލުތައް ގާއިމުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އަތޮޅުތެރެއާއި މާލެ ސަރަހައްދުގައި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ވަރުގަދަކުރަމުންނެވެ.
ރިއެކްޝަންސް









