ފުލުހުންގެ މުއައްސަސާއަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީން އުފައްދާ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގެ އެކްސް މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ "ނޫ ލަޝްކަރު" ގެ ދުވަސް ކަމަށެވެ.
މި މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ އަބަދުވެސް ޒިންމާދާރު، ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ދުވަހެވެ.
ރިއެކްޝަންސް









