ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީ އިން އެމްއެންޔޫއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތައް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ޚާއްސަ ކޯސްތައް ފަރުމާކޮށް ހިންގުމެވެ.
މި އެމްއޯޔޫއާއިއެކު، ސިޔާސަތުތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފާ އޭސީސީން ފޯރުކޮށްދޭއިރު، ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖާނަލްތައް ޝާއިއުކުރުމުގައި ޔުނިވާސިޓީގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެއެވެ.
މި ފަހުމުނާމާއަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ އެކި ދާއިރާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އޭސީސީން ފާހަގަކުރެއެވެ.
ރިއެކްޝަންސް









