ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުމަށް ސާބިތު އަޒުމެއްގައި ކުރިއަށްދާނަން: މެންބަރު އިއްބެ
ސާބިތު އަޒުމަކާއި ކާމިޔާބީގެ ވަރުގަދަ ރޫހާއެކު، މެދުކެނޑުމެއްނެތި ކުރިއަށް ގޮސް، ކޮންމެ ފަރުދެއްގެ އިތުބާރާއި ލޯބި ހޯދައި، އެންމެހައި ރައްޔިތުންގެ ހިތްތަކާ ހަމައަށް ވާސިލުވުމަކީ އަމާޒެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީ ދޫނޑިގަން ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު އެ ސިޓީގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތުގައި ޕީއެންސީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މިއަދު ކުރިއަށްދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތާއީދު ހޯދުމަށް ފުވައްމުލައް ސިޓީގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ބައެކެވެ.
ފުވައްމުލައް ސިޓީގައި ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފޯރިއަރުވާލާފައެވެ. އެގޮތުން ސިޓީގެ އެކި އަވަށްތަކުގައި ކެންޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމާއި، ކެމްޕެއިންގެ އެކި ޙަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ޕީއެންސީން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އިތުރުކޮށް، ކުރިއަށް އޮތް އިންތިޚާބުތަކުގައި ފުވައްމުލައް ސިޓީއިން ބޮޑު ކާމިޔާބީއެއް ހޯދުމަށެވެ. މިއަދުގެ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެ، ޕީއެންސީގެ ކެންޑިޑޭޓުންނަށް އޮތް ތާއީދު ހާމަކޮށްފައިވެއެވެ.
ރިއެކްޝަންސް



