ތިލަފުށީގެ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" ބޮޑުކޮށްފި: ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

ތިލަފުށީގެ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" ބޮޑުކޮށްފި: ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

2 hours ago - 11:43

ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ނުވަތަ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" އިތުރުކޮށް، އެ ސަރަހައްދުގެ ކެޕޭސިޓީ ވަރުގަދަކޮށްފިއެވެ.


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރި ގޮތުގައި، ތިލަފުށީގައި ގާއިމްކުރި މި ޑީޕޯގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އެ ސަރަހައްދު ދަނީ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންނެވެ. މިހާރުވެސް އެ ސަރަހައްދުގައި 1600 ޓީ.އީ.ޔޫ (20 ފޫޓުގެ ކޮންޓެއިނަރު) ބަހައްޓާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.


އެމްޕީއެލް އިން ބުނީ ޑީޕޯގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އަލަށް ތައްޔާރުކުރި މި ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެއެވެ. މި ބަދަލާއެކު، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.


ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާވާފައިވާ ގޮތަށް، މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވުމުން ކަމަށް އެމްޕީއެލް އިން ފާހަގަކުރެއެވެ. މި ބިޔަ މަޝްރޫއުގެ ފޭސް-1 ގެ ޑިޒައިން އަދި ސާވޭގެ މަސައްކަތް މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށްފައެވެ.

Advertisement
Advertisement


މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޕީއެލް އިން ބުނީ، ތިލަފުށީގައި ތަރައްގީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާވޭތައް ތާވަލަށްވުރެ އަވަހަށް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސާވޭގެ މަސައްކަތްތަކެވެ. މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމްޕީއެލްގެ ޓީމުތަކުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.


ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގްތިސާދީ އެންމެ މުހިންމު އެއް އަމާޒެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ބަނދަރުގެ މަސައްކަތްތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow