ފުވައްމުލަކު ދެކުނު ދާއިރާގެ އުމްރާ ދަތުރުގެ ގުރުއަތުލުން މާދަމާ ރޭ: ދާއިރާގެ ރައްޔިތުންނަށް މެންބަރު އިއްބެގެ ދަޢުވަތު!
ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ދެއްވާ ޚާއްޞަ އުމްރާ ދަތުރުގެ ގުރުއަތުލުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ދާއިރާގެ ރައްޔިތުންނަށް މިއަދު ދައުވަތު އަރުވައިފިއެވެ.
މި ގުރުއަތުލުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ، 27 މާރިޗު 2026 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:10 ގައި ފުވައްމުލަކު ސްކޫލް ހޯލުގައެވެ. މި ހަފްލާގައި ހޮވުމަށް ހަމަޖެހިފައިވަނީ 2024 އަދި 2025 ވަނަ އަހަރު މެންބަރު އިއްބެގެ ފަރާތުން އުމްރާއަށް ފޮނުއްވާނެ ފަރާތްތަކެވެ.
މި ދަތުރަކީ މެންބަރު އިއްބެގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ކޮންމެ އަހަރަކު، ދާއިރާގައި ހިމެނޭ ކޮންމެ އަވަށަކުން 2 ބޭފުޅަކު އުމްރާއަށް ފޮނުވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ދެއްވާ ފުރުޞަތެކެވެ. އެގޮތުން، މިފަހަރުގެ ގުރުއަތުން ދޫޑިގަމު އަވަށުން 4 ބޭފުޅަކު އަދި ފުނާޑު އަވަށުން 4 ބޭފުޅަކަށް އުމްރާގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން މެންބަރު އިއްބެ ވިދާޅުވީ، އުމްރާ ދަތުރަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންގެ ތެރެއިން 18 އަހަރުވެފައިވާ ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލެވުނު ކަމަށެވެ. މި އުމްރާ ދަތުރަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިދިޔަ ޖަނަވަރީ މަހު ވަނީ ހުޅުވާލާފައެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ގުރުއަތުލުން ކުރިއަށްދާނީ ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި، ދެފުށް ފެންނަ އުޞޫލަކުން ކަމަށެވެ. އެހެންކަމުން، ދާއިރާގެ ލޮބުވެތި ރައްޔިތުން މާދަމާ ރޭ ބާއްވާ މި ހަފްލާއަށް ވަޑައިގެން ދެއްވުމަކީ މެންބަރުގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޝަންސް









