މިހާރު ކުރިއަށްދާ ހަނގުރާމައަށް ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދޭނަން: ރައީސް

މިހާރު ކުރިއަށްދާ ހަނގުރާމައަށް ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދޭނަން: ރައީސް

3 hours ago - 13:07
Advertisement
Advertisement

އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް، މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާކަމަށްބުނެ ނިއުޅެމުންދާ ޚަބަރަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްރާއީލު ނޫން އެހެން ޤައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުޞަތު ދެއްވާނޭކަމަށެވެ. ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސަރޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިރާއްޖޭގެ ބިމުގެ ސަރަޙައްދެއްވެސް، ކަނޑުގެ ސަރަޙައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް، އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުޞަތު، އެއްވެސް ޤައުމަކަށް ނުދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށާއި، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

Advertisement
Advertisement

އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement