ޕީއެންސީގެ ލީޑަރޝިޕުން ފުވައްމުލަކުގެ ގޭގެއަށް: އިންތިޚާބީ ނިޒާމް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ޕީއެންސީގެ ލީޑަރޝިޕުން ފުވައްމުލަކުގެ ގޭގެއަށް: އިންތިޚާބީ ނިޒާމް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޝްވަރާ ހޯދައިފި

3 hours ago - 00:01
Mar 20, 2026 - 00:02

ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ މުހިންމު އިޞްލާޙުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤްޞަދުގައި، ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން ފުވައްމުލަކު ދެކުނު ދާއިރާގެ ގިނަ ގޭބިސީތަކަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.


މި ހަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވީ، މިއަދު ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިންތިޚާބީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ސީދާ ރައްޔިތުންގެ ބަސް ހޯދުން ކަމަށެވެ.

https://web.facebook.com/story.php?story_fbid=122120784633177501&id=61585325041693&rdid=W1fZrrMXC189LhaD#


ވަކިން ޚާއްޞަގޮތެއްގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބަދަލަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި ޚަރަދުތައް ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.


މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން މި އިޞްލާޙުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މިފަދަ ހަރަކާތްތަކުގެ މުހިންމު ބޭނުމެއްކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.


މިއަދުގެ މި ހަރަކާތުގެ ސަބަބުން ދާއިރާގެ ރައްޔިތުންނާއި ސިޔާސީ ވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަމަށް ޕާޓީން ބުނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބީ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތައް މި ޒިޔާރަތްތަކުގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow