އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޒިޔަތް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އާ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ)ގެ މަގާމަށް އިބްރާހިމް ޒިޔަތު މިއަދު އައްޔަނުކުރައްވައިފިއެވެ.
އެމްޕީއެލްއިން ބުނީ، އިބްރާހިމް ޒިޔަތު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން ބޯޑު މެންބަރެއްގެ މަގާމަށް ވެސް އައްޔަނުކުރައްވާފައެވެ.
ޒިޔަތަކީ އެ ކުންފުނީގެ ތިންވަނަ ޑެޕިއުޓީ ސީއީއޯއެވެ. މިހާރު ވެސް އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު މުހައްމަދު މުއީން އަދި އަލީ ހާޝިމް ދަނީ ފުރުއްވަމުންނެވެ.
މި މަގާމަށް އައްޔަނުކުރެވުނު އިބްރާހިމް ޒިޔަތަކީ މީގެ ކުރިން ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމާއި، އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް ޒިޔަތު ވަނީ ފުރުއްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، އިބްރާހިމް ޒިޔަތަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ބަލަރަޓްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އީޑިތް ކޯވަން ޔުނިވަރސިޓީން މެނޭޖްމަންޓާއި މާކެޓިންގ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރެއްވުމުގެ އިތުރުން، ޕާތް އިންސްޓިޓިއުޓް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން އެސޯސިއޭޓް ޑިގްރީއެއް އަދި ބެންކޮކްގެ ސްޓެމްފޯޑް ކޮމާޝަލް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވެއެވެ.
ރިއެކްޝަންސް









