މާފުއްޓާއި މަންތާފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް؛ މަޝްރޫޢުގެ 29 އިންސައްތަ ނިމިއްޖެ!
ކ. މާފުއްޓާއި އެ ރަށް ކައިރިން އަލަށް ހިއްކާފައިވާ މަންތާފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބްރިޖުގެ އެލް-ބްލޮކް ހަރުކުރުމުގެ މުހިންމު މަސައްކަތްތަކެވެ. މުޅި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ގާތްގަނޑަކަށް 29 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މާފުށީ ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިއްކައިގެން އުފެއްދި 'މަންތާފުށި' އަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ހިއްކާފައިވާ ރަށެކެވެ. 2022 ވަނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށްފަހު، މާފުށީ ކައުންސިލުން ވަނީ އެ ބިމުން ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި، ސިނާއީ ބޭނުންތަކަށާއި ވިޔަފާރިތަކަށް ބިން ދޫކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މާފުއްޓާއި މަންތާފުށި ގުޅާލުމަށްޓަކައި 138 މީޓަރުގެ ދިގު ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެރިޖް ވޭ އަދި އެޕްރޯޗް ރޯޑް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މާފުއްޓާއި މަންތާފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގައެވެ. ނަމަވެސް، އެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުގޮސް މެދުކެނޑިފައި އޮތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މަޝްރޫޢަށް ހާއްސަ ސަމާލުކަމެއް ދީގެން އަލުން ބާރުމިނުގައި މަސައްކަތް ފަށާފައެވެ.
މި ބްރިޖް ނިމުމުން މާފުށީގެ ތޮއްޖެހުން ކުޑަވެ، އަލަށް ދޫކުރި ގޯތިތަކުގައި މީހުން އާބާދުވުމަށާއި، ރަށުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް









