ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ފަރާތަކަށް ހަމަލާދިނުމަށް ބޭނުމެއް ނުކުރެވޭނެ: ޚާރިޖީ ވަޒީރު
އެއްވެސް ގައުމަކަށް ހަމަލާ ދިނުމުގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދިވެހި ސަރުކާރުން ނުދޭނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތްތަކުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ފެންވަރުގައި އެކުލަވާލައްވާފައިވާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ދިވެހި ސަރުކާރުން ދެ ފަރާތަށް ވެސް ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.
އަދި ހަނގުރާމައިގެ ތެރޭގައި ގައުމުތަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް ބައެއް ގައުމުތަކުން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް، ދިވެހި ސަރުކާރުން އެ ފުރުސަތު ދިނުމަށް ދެކޮޅު ހަދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ވަޒީރީ ފެންވަރުގެ ކޮމިޓީގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ސުލްހަ، ހަމަޖެހުން، އަދި ގައުމީ އިގްތިސާދު ރައްކާތެރިކޮށް ހިމާޔަތް ކުރުމެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައީ، ހަނގުރާމައިގެ ތެރޭގައި ގައުމުތަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަމުންދާ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކުރި ބޯޓަކީ ހަތިޔާރު އުފުލި ނުވަތަ ހަނގުރާމައިގެ ބޭނުމަށް ދިޔަ އަސްކަރީ ބޯޓެއް ނޫން ކަމަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، އެ ބޯޓަކީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ހުއްދަ ހޯދައިގެން ރާއްޖެ އައި ބޯޓެއް ކަމަށާއި ސީޝެލްސްއިން ދަތުރުކޮށް ރާއްޖެއައި ބޯޓު ދެން ދަތުރުކުރީ ތައިލޭންޑަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް









