އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ

2 hours ago - 13:13

ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާނުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.


އީރާނުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވެފައި ވަނީ އޭނާގެ އޮފީހުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަ ދަރިކަލުން ވެސް ޝަހީދުވެފައިވާ ކަމަށް ދައުލަތުގެ މީޑިޔާއިން ވަނީ ހާމަކޮށްފައެވެ.


މި ހިތާމަވެރި ހާދިސާއާ ގުޅިގެން އީރާނުގައި މިހާރު ވަނީ 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް އިއުލާނުކޮށްފައެވެ. އީރާނުން މިކަން ރަސްމީކޮށް ކަށަވަރުކޮށްދިނުމުގެ ގަޑިއިރުތަކެއް ކުރިން، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމުގެ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަން އިއުލާނުކުރައްވައިފައެވެ. ނަމަވެސް، ޚާމަނާއީގެ ހަށިކޮޅު ފެނިފައިވާ ކަމަށް ބުނެ އަޑުތައް ފެތުރެމުން ދިޔަ ވަގުތު ވެސް އީރާނުން ކުރިން ބުނަމުން ދިޔައީ އޭނާ އަވަހާރަ ނުވާ ކަމަށެވެ.


އިއްޔެ އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި ޚާމަނާއީގެ ގަނޑުވަރު ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. އެތަން ސުންނާފަތިވެފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވި ނަމަވެސް، އީރާނުން އޭރު ބުނެފައިވަނީ ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނެތް ކަމަށެވެ.

Advertisement
Advertisement


އިސްރާއީލުން އީރާނަށް މިފަދަ ނުރައްކާތެރި ހަމަލާތަކެއް ދެމުން މިދަނީ، އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދައިފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އިސްރާއީލުގެ ލީޑަރުން ގަބޫލުކުރާ ގޮތުގައި އީރާނުގެ ނިއުކްލިޔާ މަޝްރޫއަކީ އެ ގައުމުގެ ނެތިދިއުމަށް އޮތް ނުރައްކަލެކެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow