ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ނަންބަރު 3/2012) ގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން މިހާތަނަށް ޖުމްލަ 99 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން މިހާތަނަށް 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ ބާރުވެރިކަން ލިބިގެންވާ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކަކުން ދުރުހެލިވުމަށް އަމުރުކުރެއެވެ.
މިފަދަ އަމުރުތައް ނެރުމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެފަރާތްތަކަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށްދިނުމެވެ. އެހެންކަމުން، ކޯޓު އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، ގާނޫނީ އިމުގެ ތެރޭގައި އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް









