ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަފާރިއަށް ބިން ދޫކުރަނީ
ހުޅުމާލެ ފޭސް ދޭއް ތަރައްގީ ކުރާ ލައިޓް އިންޑަސްޓްރިއަލް ޕާކުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަފާރިއަށް ބިން ދޫކުރަނީ

ބިން ބޭނުންވާ ފަރާތްތަކަށް، ޝައުގުވެރިކަން ފާޅުކުރުމަށް އެޗްޑީސީން ހުޅުވާލައިފި

2 months ago - 15:28

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަފާރިއަށް ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަ ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ، އެޗް.ޑީ.ސީން ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހުޅުވާމާލެ ދެވަނަ ފިޔަވަހީގައި ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް (މިކްސް ރެސިޑެންނަލް) ބިން ދޫކުރުމާއި، އެކި ކަހަލަ ވިޔަފާރިކުރުމަށް ޚާއްސަ އިމާރާތް އެޅުމަށް ބިން ދޫކުރުމަށެވެ.

އެޗް.ޑީ.ސީން ބުނީ މި މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ.

ހުޅުމާލޭ، ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭންވެސް ތަރައްޤީކޮށްފައިވަނީ ސޯޝަލް ހައުސިންގެ އިތުރުން، ވިޔަފާރީގެ ގިނަ ފުރުސަތުތަކަށް ހުޅުވާލައިގެން ބިންދޫކުރެވޭ ގޮތަށް ކަމަށް އެޗުޑީސީން ބުނެފައިވެ އެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް، ފަސޭހަކަމާއެކު ވިޔަފާރިކޮށް އެކިކަހަލަ ޚިދުމަތްތައް ހޯދުމަށް އަޅާ އިމަރާތްތަކެއް އެޅމަށް  4 ބިމެއް ދޫކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ގާތްގަނޑަކަށް 5000 އަކަފޫޓުގެ ބިމަކާއި، 7000 އަކަފުޓުގެ ބިމަކާއި، 10150 އަކަފޫޓުގެ ބިމެއްގެ އިތުރުން 11000 އަކަފޫޓުގެ ބިމެކެވެ. މި ބިންތައް ދޫކުރަނީ ލޭންޑް ސޭލް މޮޑެލްއަށެވެ. މި މޮޑެލްގައި ބިންތައް ތަރައްޤީކޮށް ވިޔަފާރިތައް ހިންގާ ބެލެހެއްޓުމަކީ ޑިވެލޮޕަރުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެ ދޭއް ތަރައްގީކުރުމުގެ މާސްޓަރ ޕްލޭނުގައި ހިމެނޭ ނޮލެޖު އަދި ޓެކްނޮލޮޖީ ޕާކުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

މީގެއިތުރުން ދެން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލީ ހުޅުމާލެ ދެވަނަ ފިޔަވަހިން  މިކްސް ރެސިޑަންޝަލް  ޕްރޮޖެކްޓް ހިންގުމަށް ދޫކުރާ ބިންތަކަށެވެ. އެ ބިންތަކަކީ، 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ދޫކުރާ ބިންތަކެކެވެ. އަދި އެބިންތަކުގައި އަޅާ އިމާރާތް (ބިލްޑިންގ) ތަކުގެ ތިރީގައި ވެސް ވިޔަފާރި ތަކަށް ޚާޢްސަކުރެވިފައިވާ  ޖާގަ ތަކެއް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ތަރައްގީ ކުރާ ކުންފުނި އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަފާތު ވިޔަފާރިތައް ހިންގުމަށް އަޅާ ބިލްޑިންގުތައް އެޅުމަށް ދޫކުރެވޭ ބިންތަކާއި މިކްސް ރެސިޑެންޝަލް އިމާރާތްތައް (ފްލެޓްތައް) އެޅުމަށް ބޭނުންވާ  ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަކި މުއްްދަތެއް ނެތްގޮތަށް ހުޅުވާލެވިފައިވާ ކަމުގަ އެވެ.

 އެޗް.ޑީ.ސީން ބުނީ ބިންތައް ދޫކުރާނީ، ހުލުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ބާރު ލިބޭގޮތަށް ހުށައަޅާ ޚިޔާލުތަކަށް ބެލުމަށްފަހުގައި، އެންމެ ރަނގަޅު ޚިދުމަތްތަކެއް ދޭން ހުށައަޅާ ޑިވެލޮޕަރުންނަށްކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް، އެތަނުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން  ކުރަމުން ގެންދެ އެވެ. 

ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކާއި އަދި ސަރުކާރުގެ ކުންފުނިތަކުން  އަޅާފައިވާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން،  ހުޅުމާލޭ ދޭއްގެ އާބާދީ މިހާރު ވަނީ ވަރަށް ބާރަށް އިތުރުވެފަ އެވެ.

ހުޅުމާލޭ ދޭއްގެ އާބާދީ ކުރިއަށޤ އޮތީ ވެސް އިތުރުވާ ގޮތަށެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞީލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 1000 ބިމެއްގައި ޢިމާރާތްކޮށް އެތަންތަނުގައި މީހުން ދިރި އުޅެން ފެށުމުންނާއި ބިންވެރިޔާ ސްކީމުގެ ދަށުން އަޅާ 6،000 ފްލެޓުގެ ތެރެއިން މިހާރު މަސއްކަތް ނިމެމުން އަންނަ 4،000 ފްލެޓަށް މީހުން އައުމުން ހުޅުމާލޭ ދޭއްގެ އާބާދީ އެތައް ހާހަށް އިތުރުވެގެން ދާނެ އެވެ.

އެޗްޑީސީން ވެސް މަސައްކަތް އެކުރަނީ މިބޮޑު އާބާދީއަށް ތަފާތު ޚިދުމަތްތައް ލިބޭނެ ވިޔަފާރިތައް ގާއިމު ކުރެވޭނެ މަގު ފަހިކުރަމުންނެވެ. އަދި މިއީ ހުޅުމާލޭ ތަރައްގީކުރުމުގެ މާސްޓަރ ޕްލޭންގައި ވެސް ހިމެނިފައިވާ ކަމެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow