މި ރަދަ މަހު އަސާސީ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބޭނެ
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ތެރެއިން 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑްއިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 10 ސެޕްޓެންބަރު 2025 ގައި އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތާއެކު، އާންމުކޮށް ބޭނުންކުރާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމްލަ 26 ބާވަތެއް މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.
މި ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ރަތް ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ އަދި ބޯވެލި ހިމެނެއެވެ. މީގެ އިތުރުން ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށި ވެސް މި ލިސްޓުގައި ހިމަނާފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މާލެއާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އެކި އައުޓްލެޓްތަކުން މި ތަކެތި ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް (ނޯތު ހާބަރު)، އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް އަދި އެސްޓީއޯ ވިލިމާލެ ފިހާރައިން މި ބާވަތްތައް ލިބޭނެއެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އައުޓްލެޓުން ވެސް މި ތަކެތި ލިބޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އަތޮޅުތެރޭގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހދ. ކުޅުދުށްފުށި، ބ. އޭދަފުށި، ލ. ފޮނަދޫ، ގއ. ވިލިންގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގައި ހުންނަ އެސްޓީއޯގެ އައުޓްލެޓްތައް ހިމެނެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރިއެކްޝަންސް





