މި އަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 33 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ މަހު ދައުލަތަށް ލިބުނު އާމްދަނީ، ފާއިތުވި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 33.1 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ޖުމްލަ 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ލިބުނު 3.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ދައުލަތަށް ޖަނަވަރީ މަހު ލިބުނު އާމްދަނީ އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކު ޕްރޮފިޓު ޓެކުހާއި، ލޭންޑް އެކުއިޒިޝަން ކޯސްޓުގެ އިތުރުން ޓޫރިޒަމް ދާއިރާއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.
މީގެ އިތުރުން، ފާއިތުވި އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވުމަކީވެސް އާމްދަނީ އިތުރުވުމަށް މަގުފަހިވި ކަމެކެވެ.
ތަފާހިސާބުތަކުން ދައްކާ ގޮތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި އެކަނިވެސް ޖަނަވަރީ މަހު 3.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރިއެކްޝަންސް





