29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ 12 ފެބްރުވަރީ 2026 ވީ ބުރާސްފަތި ދުވަހު، ކަސްޓަމްސް އިން ބަލައިފާސްކުރަންޖެހޭ މުދާ ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސުން ހާމަކޮށްފައިވާ ގޮތުގައި، ޝައްކު ކުރެވިގެން ބަލައިފާސްކުރި މި ޝިޕްމެންޓުގެ ތެރެއިން ފެނުނު ތަކެތި ފުރަތަމަ މަރުޙަލާގައި ތަޙުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯ ހުރި ކަމަށް ކަސްޓަމްސުން މަޢުލޫމާތު ދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ރިއެކްޝަންސް









