
ފުލިދޫ ބަނދަރާއެކު ބިންހިއްކުމުގެ ވައުދު
ބިން ހިއްކާނީ ރައްޔިތުން ބޭނުންވާނަމަ
ވ. ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު 12 ހެކްޓަރުގެ ބިން ވެސް ހިއްކައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފުލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އެއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރަށުގެ ރައްޔިތުން އެކަމަށް އެދޭނަމަ ކަމަށެވެ. އެދިވަޑައިގެންނެވީ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ ކުރިން، ބިން ހިއްކުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަން ލިޔުމުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް އެންގެވުމަށެވެ. ރައްޔިތުން ގޮތް ނިންމުމުން، ބިން ހިއްކުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.
ދާދި ފަހުން އެހެން ރަށެއްގައި ބިންހިއްކުމުގެ މަސައްކަތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން، އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންނުވާތީ އެކަން ހުއްޓާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށުގެ ނަން ވިދާޅުނުވި ނަމަވެސް ރައީސް އިޝާރާތްކުރެއްވީ ބ.ދޮންފަނަށެވެ.
ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަން އެގޮތުގައި އޮންނާނެ ގޮތަކަށް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.
ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިޤުތިޞާދުގައި ބޮޑުހިއްސާއެއް އަދާކުރާ، ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ރިއެކްޝަންސް






