
ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
މޯދީ ރާއްޖެ ވަޑައިގަންނަވާނެކަމަށް ބެލެވެނީ ދިވެހިރާއްޖޭގެ މިނިވަންދުވަހާ ދިމާކޮށް ޖުލައި 26ގައި
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. ޓައިމްސް އޮފް އިންޑިއާގައި ވާގޮތުން މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތާ ދިމާކޮށެވެ.
ރައީސް މުއިއްޒުގެ ފަރާތުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު މޯދީއަށް އަރުވާފައި ވަނީ ފާއިތުވި ހަފުތާގައި ހާރިޖީ ވަޒީރު ޑރ. ޢަބްދުالله ޙަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ހާރިޖީ ވަޒީރު މިއަހަރު ތިންފަހަރެއްގެ މަތިން ވަނީ އިންޑިއާއަށް ރަސްމީދަތުރުފު ކުރައްވާފައެވެ.
ހާރިޖީ ވަޒީރުގެ އެންމެ ފަހުގެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޖައި ޝަންކަރުއާ ބައްދަލުކުރައްވާ, ތަރައްޤީއާއި އަސްކަރީ އަދި ސަލަމާތީ ކަންކަމާއި ވިޔަފާރި އާ ގުޅޭގޮތުން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރައްވާފައި ވެއެވެ. ބައްދަލުވުންތަކަށް ފަހު ޖެއި ޝަންކަރުގެ ފަރާތުން ދިވެހިރާއްޖޭ ތަރައްޤީއަށް ކުރާ މަސަައްކަތްތަކުގައި ދެމިހުންނާނެ ކަމުގެ ޔަޤިންކަން ދެއްވާފައިވާކަމަށް ވެސް އެނޫހުން ބުނެފައި ވެއެވެ.
މޯދީގެ ދަތުރުފުޅުގެ ތާރީޙް މުޅިން އަދި ފައިނަލް ވެފައި ނުވިއަސް އިންޑިއާ ސަރުކާރުގެ ވިސްނުންހުރީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވުމަށް ކަމަށްވެސް އެނޫހުގައި ވެއެވެ. އެހެންވެއްޖެ ނަމަ މިއީ 2023 ގައި ރައީސް މުއިއްޒު ހުވާކުރެއްވި ފަހުން ދިވެހިރާއްޖެއަށް އިންޑިއާގެ ބޮޑުވަޒީރު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވާނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިންޑިއާގެ އިތުރުން ދިވެހި ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ 'ރަތް ރޮނގު' އެއްވެސް ފަރާތަކުން ހުރަސް ކުރަން ޖާގަ ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެސަލާމަތީ ގުޅުންތަކަށް ބުރޫއަރާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖެއިން ފޮނުވާލާ އޭގަ ބަދަލުގައި މަދަނީ މީހުން ގެންނަން ހަމަޖެއްސި ނިންމުމަކީވެސް ދިވެހިރައްޔިތުންގެ ވިންދާ އެއްގޮތަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އެޅުއްވި ފިޔަވަޅެކެވެ.
'އިންޑިއާ އައުޓް' ކެމްޕޭނާއި މިސަރުކާރާ ގުޅުމެއް ނެތްކަމަށްވެސް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކުރީކޮޅު އިންޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ ވަރުގަދަ އޮއިވަރެއްވެސް ފެށުނު ނަމަވެސް ދެ ޤައުމުގެ ހާރިޖީ ސިޔާސަތާގުޅޭ މަތީ ފެންވަރުގެ ބޭފުޅުންގެ މަސައްކަތާއެކު ދެ ޤައުމުގެ ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.
ރައީސް މުއިއްޒުވެސް ވަނީ ފާއިތުވި އޮކްޓޯބަރު މަހު އިންޑިއާއަށް ފުރަމާނަ ދަތުރުުފުޅެއް ކުރަައްވާ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފައެވެ.
ރިއެކްޝަންސް






