
އިޒްރާއިލްއިން ޣައްޒާ ސިޓީ ސުންނާފަތިކޮށްލައިފި, ދެކުނަށް ދިއުމަށް ރައްޔިތުންނަށް މަޖުބޫރު ކުރަނީ
200,000 އަށްވުރެ ގިނަ މީހުން ވަނީ ގަދަކަމުން ސިޓީން ނެރެލާފައި, ރައްކާތެރި އެއްވެސް ތަނެއް ނެތް
ޣައްޒާގެ އުތުރު ޣައްޒާސިޓީއަށް އިޒްރާއިލްއިން ދެމުންގެންދާ ވަރުގަދަ ހަމަލާތަކާއެކު ޣައްޒާސިޓީ ބިމާ ހަމަވެފައިވާކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފިއެވެ. ފާއިތުވި ދެ ހަފުތާއެއްހާދުވަހު ހުއްޓުމެއްނެތި އިޒްރާއިލްއިން ޣައްޒާ ސިޓީގެ އުސް އިމާރާތްތަކަށް ބޮންއަޅާ 70 އަށް ވުރެގިނަ އިމާރާތް ވަނީ ބިމާހަމަކޮށްލާފައެވެ.
ޣައްޒާ ސިޓީގައި ދިރިއުޅޭ މިލިއަނެއްހާ މީހުން އެސިޓީ ދޫކޮށް ދިއުމަށް އިޒްރާއިލް އިން މީގެ ހަފުތާއެއްކުރިން ވަނީ ގަދަ އަމުރު ނެރެފައެވެެ. ރައްކާތެރި އެންމެ ތަންކޮޅެއްވެސް ނެތް ޣައްޒާގައި ޣައްޒާސިޓީގެ ރައްޔިތުން ދާނެ ތަނެއް ނެތްނަމަވެސް ބޮމުގެ ހަމަލާތަކުގެބިރާއެކު 200,000 އެއްހާ މީހުން ވަނީ ދެކުނަށް ދަތުރުފަށާފައެވެ.
ދެކުނުގައި ޣައްޒާގެ ރައްޔިތުން މިހާރު ތިބީ އިންތިހާއަށް ތޮތްޖެހިގެންނެވެ. އަލްމަވާސީ އާއި ނުސީރަތު އަދި ރަފަޙްގައި އިތުރަށް ޓެންޓެއް ބަހައްޓާލާނެ ޖާގައެއް ނެތްނަމަވެސް ޣައްޒާ ސިޓީގެ ރައްޔިތުން ދިރިތިބެން ބޭނުންނަމަ ދެކުނަށް ދިއުން ނޫންގޮތެއް ނެތެވެ.
ދެވޭނެގޮތެއްނެތި އަދި ގޮސް އުޅޭނެތަނެއްނެތުމުން ހާލަތު ކިތަންމެ ބިރުވެރި ނަމަވެސް ޣާއްޒާގެ ސިޓީގެ ގިނަ މީހުން އެތަންދޫކޮށް ދާކަށް ބޭނުމެއް ނުވެއެވެ. އެއީ ޣައްޒާގައި ރައްކާތެރި އެންމެ ވެލިފުކެއްވެސް ނެތްކަން އެމީހުންނަށް އެނގޭތީއެވެ.
މިއާއެކު ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮތްއޮތުން އެގޮތުގައި އަދިވެސް ދެމިއެބައޮތެވެ. ހަނގުރާމަ ފެށިފަހުން ހައިހޫނު ކަމުގައި 404 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު އޭގެތެރެއިން 141 އަކީ ކުޑަކުދިންނެވެ. ޣައްޒާ ބަނޑަށް ޖެހުނުކަން އިއުލާންކުރި ފަހުން މިހާތަނަށް 126 މީހުން ވަނީ ހައިހޫނުކަމުގައި ދުނިޔެ ދޫކޮށްފައެވެ. 26 ކުޑަކުދިންޖވެސް ހިމެނޭގޮތަށެވެ.
ރިއެކްޝަންސް






