
މޭވާއާއި ތަރުކާރީ އެތެރެކުރާނީ ފާއިތުވި އަހަރު އެންމެ ގިނައިން އެތެރެކޮށްފަހުރި ބާވަތްތައް ބަލައިގެން- ސައީދު
މަދުނުވާވަރަށް މޭވާއާއި ތަރުކާރީ އެތެރެކޮށް ހެޔޮ އަގުގައި ވިއްކާނެ
އެސްޓީއޯއިން ގަނޑުކޮށް ގެންނާނެ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ކަނޑައަޅާނީ ފާއިތުވި އަހަރު އެންމެ ގިނައިން އެތެރެކޮށްފައިވާ ބާވަތްތަކަށް ބަލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އެތެރެކުރާ ބާވަތްތައް ކަނޑައަޅާނީ އޭގެތެރެއިން ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ބާވަތްތައް ދެނެގަނެގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމެވުމުން އެކަމުގެ ތަފްސީލް ދެއްވުމަށް މިއަދު އެސްޓީއޯގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއެކު ބައިވެރިވެވަޑައިގެން ވަޒީރު ސައީދު ވިދާޅުވީ 23 ބާވަތުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ. އޭގެތެރެއިން 20 ބާވަތަކީ މޭވާއާއި ތަރުކާރީއެވެ. މޭވާ އާއި ތަރުކާރީގެ ތެރެއިން އެސްޓީއޯއިން އެތެރެކުރާނީ އެންމެ ގިނައިން ދިވެހިން ބޭނުންކުރާ 10 ބާވަތެވެ.
އަންނަ މަހުގެ 15 ން ފެށިގެ ހެޔޮ އަގުގައި އެބާވަތްތައް ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ ސައީދު ދެއްވިއެވެ. ތަރުކާރީ އާއި މޭވާގެ އިތުރުން ހިމެނެނީ ބިސް, ކާށި އަދި ރީނދޫ މުގެވެ. މީގެއިތުރުން ކުރިންވެސް އެސްޓޯއީއިން އެތެރެކުރާ ކާޑްގެ ބާވަތްތައް މިހާރެކޭ އެއްގޮތަށް އެތެރެކޮށް ވިއްކާނެއެވެ.
އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ މޭވާ އާއި ތަރުކާރީގެ ތެރެއިން ދިވެހިރާއްޖޭގެ އުދެއްދޭނެ އެއްޗިއްސާއި އެތެރެކުރަން ޖެހޭނެ ބާވަތްތައް ބަލާނެ ކަމަށެވެ. ނަމަވެސް ކުރު ރާސްތާގައި ޖެހޭނީ ހުރިހާ ބާވަތެއްވެސް އެތެރެކުރަންކަން ފާހަގަކުރައްވާ ވިދާޅުވީ ދުރު ރާސްތާއަށް ރާއްޖޭގައި ހެއްދޭނެ ބާވަތްތައް ހައްދާނެ ކަމަށެވެ.
އިމްޕޯރޓް ކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ ފިޔާ އެތެރކުރަން އެކަނިވެސް އަހަރަކު 12 މިލިއަން ޑޮލަރު ހޭދަވާ ކަމަށެވެ. ނަމަވެސް ރައީސްގެ ވައުދާ އެއްގޮތަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް މަދުނުވާ ވަރަށް އެސްޓީއޯއިން އެތެރެކުރާނެ ކަމުގެ ޔަގީންކަން ޝިމާދު ދެއްވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ މިއިން ކޮންމެ ފިޔަވަޅެއްގެވެސް އާހިރު ނަތީޖާއަކީ ދިވެހިރައްޔިތަކަށް އޮންނަ ތަކްލީފްތައް ކުޑަކުރުން ކަމަށެވެ.
ރިއެކްޝަންސް






