
ލަންކާ އަތުން ހޯދި މޮޅާއި, ތަށި މުހިއްމުވަނީ ރާއްޖޭގެ ބޯޅަ ކުރިން އޮތް ހާލަތަށް ދާން- ޓޮމް
މާލެ އައުމުން ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ
ލަންކާ އަތުން ހޯދި މޮޅާއި, ތަށި މުހިއްމުވަނީ ރާއްޖޭގެ ބޯޅަ ކުރިން އޮތް ހާލަތަށް ދާންކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިޔަން ސުޕަރ ކަޕްގެ ތަށްޓާއެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިއަދު މާލެ އައުމުން, އެޓީމަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓަށް ވަޑައިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ޓޮމް ވިދާޅުވީ އެފްއޭއެމްގެ ކަންތައްތައް އޮތްގޮތުން ސަޕޯޓަރުންގެ ވެސް ނާއުއްމީދީ ދުވަސްތަކަކަށްފަހު އަލަށް ފަށައިގަނެވުނު ވަގުތުގައި ލަންކާ އަތުން ކުރި ހޯދުމާއެކު ޓްރޮފީއެއް ލިބުމަކީ ހެޔޮ ފާލެއް ކަމަށެވެ.
ލަންކާ ގައުމީ ޓީމާ ވާދަކުރި ދެ މެޗުގެ އެގްރިގޭޓް 4-1 ން ކުރި ހޯދައިގެން ރާއްޖެއިން ހޯދި ތަށި މުހިއްމު ވަނީ ރާއްޖޭގެ ފުޓްބޯޅަ އިހު އޮތް ހިސާބަށް ގެންދިއުމަށް ކުރާ މަސައްކަތަށް ކަމަށް ކުރީގެ އެއްވަނަ ފޯވާޑް ވިދާޅުވިއެވެ.
" މިއީ ހަގީގަތުގައި ކުރިއަށްހުރި ދުވަސްތަކުގައި އަޅުގަނޑުމެން ޚާއްޞަކޮށް މިއަލަށް އިންތިޚާބުވި އެގްޒެކްޓިވް ކޮމިޓީން ދިވެހިރައްޔިތުންނަށް ފުޓްބޯޅައިގެ ކުރީ އޮތް ހިސާބަށް ގެންދިއުމަށް ފަށައިގަތުމަށް ވަރަށް މުހިއްމު މޮޅެއް މިމުބާރާތް ކާމިޔާބުކުރެވުމަކީ." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ޢާއްމު ހާލަތަށް ގެންނަން އަދިވެސް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި ލީގު ފަށައިގެން އަދި އަތޮޅު މުބާރާތްތަކާ ހިސާބަށްގޮސް ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ހިސާބަށް ގެންދެވޭނެ ކަމަށެވެ.
"އެކަމަށް ވަރަށް މުހިއްމު މޮޅެއް މިއީ" ޓޮމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޓޮމް ވިދާޅުވީ ގައުމީ ޓީމްގެ ނަތީޖާ އިނގޭނީ ލީގުވެސް ފެށިގެން ކުޅެން ފެށުމުން ކަމަށެވެ. ގައުމީ ޓީމް ބިނާވަނީ ލީގަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގައުމީ ޓީމްގެ ހަގީގީ ފެންވަރު އިނގޭނީ ލީގު ފެށުމުން ކަމަށެވެ. އެކަމަކު ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ދިވެހި ކުޅުންތެރިންގެ ހުނަރު ފާހަގަކުރެވުނު ކަމަށް ޓޮމް ވިދާޅުވިއެވެ.
ލަންކާގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބުކުރި ސައުތް އޭޝިޔަން ސުޕަރ ކަޕަކީ 7 އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ފުރަތަމަ ތަށްޓެވެ. ތަށްޓާއެކު މާލެ އައުމުން އެއަޕޯރޓުންވެސް ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރަސްމީ ބޯޅަ ދަނޑުގައި ރަސްމީކޮށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކުރިއަށް ދެއެވެ.
ރިއެކްޝަންސް






