
20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ފަށައިފި
އިދިކޮޅު އެމްޑީޕީން ބުނީ ބައިވެރިނުވާނެ ކަމަށް
20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ފަށައިފިއެވެ. އެމަސައްކަތް ސަރުކާރުން ހަވާލުކުރީ ނެކްސިއާ މޯލްޑިވްސްއާއެވެ.
ނެކްސިއާ މޯލްޑިވްސްއިން ވަނީ 20 އަހަރުގެ ގައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރާއްޖޭގެ ރަށްތަކަށް ދަތުރު ފަށާފައެވެ. ނެކްސިއާ މޯލްޑިވްސްއިން ބުނީ ދަތުރުތައް ފެށީވެސް ގިނަ މަސައްކަތްތަކެއްކޮށް, ޓީމްތަކެއް އެކުލަވާލައިގެން ކަމަށެވެ. މިގައުމީ މަސައްކަތުގައި މިދާއިރާއިން ރާއްޖޭގެ އެންމެ ފުންނާބު އުސް ބޭފުޅުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ނެކްސިއާ މޯލްޑިވްސްއިން ދެއެވެ. މިމަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށާއި, ހުރިހާ ގިންތިއެއްގެ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު އެއްކުރާނެ ކަމަށްވެސް ނެކްސިއާ މޯލްޑިވްސްއިން ބުންޏެވެ. އަދި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭ ނިޒާމެއްވެސް ގާއިމް ކުރާނެކަމަށް ބުންޏެވެ. މީގެއިތުރުން ސެކްޓަރ ތަކުގެ ވަށްމޭޒު ބައްދަލުވުންވެސް ބާއްވައިގެންވެސް ގައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސްއިން ބުންޏެވެ.
" މިއީ ރިސަރޗް އެވިޑެންސް ބޭސް މަސައްކަތެއް. އަދި އެންމެންގެ ބައިވެރިވުން ހިމަނަންޖެހޭ, ހިމަނާނެ މަސައްކަތެއް." ނެކްސިއާ މޯލްޑިވްސްއިން ބުންޏެވެ.
20 އަހަރުގެ ގައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ހަދާ, އެޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނާވެސް ބައްދަލުކޮށްގެން މިޕްލޭން އެކުލަވާލެއްވުމަށެވެ. އަދި ހުރިހާ ދާއިރާއެއްގެ ޝާމިލްވުމާއި ސިޔާސީ ޕާޓީތަކުގެ ޝާމިލްވުންވެސް އޮވެގެން ޕްލޭން އެކުލަވާލުމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މިމަސައްކަތުގައި ބައިވެރިނުވާނެކަން އިއުލާނުކޮށްފައެވެ. އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ބަޔާންކޮށް، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާކަމަށެވެ. ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެމްޑީޕީން ޤަބޫލުކުރިނަމަވެސް ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކޭ ކަމަށާއި, އެކަމުގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ތަރައްގީގެ ޕްލޭން އިފްތިތާހު ކުރުމަށެވެ. މިއީ 2045 ވަނަ އަހަރާ ހަމައަށް ކަނޑައަޅާ ޕްލޭނެކެވެ.
ރިއެކްޝަންސް






