
އުތީމް އާދަމްބެ އަށް ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފި
ހއ.އުތީމް އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އުތީމް އާދަމް އަބްދުއްރަހުމާނަށް މިޝަރަފް އެރުވީ އުތީމްގައި ބާއްވަމުން ގެންދަވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އާދަމް އަބްދުއްރަހުމާނަކީ ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އާދަމް ޢަބްދުއްރަޙްމާނު، (އުތީމު އާދަމްބެ) ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް ޢަބްދުއްރަޙްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފައެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް ޢަބްދުއްރަޙްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. އެ މަޤާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އާދަމް ޢަބްދުއްރަޙްމާން މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ނާޒިރުކަންވެސް އާދަމް ޢަބްދުއްރަޙްމާން އަދާ ކުރައްވައިފައިވެއެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.
ރިއެކްޝަންސް






