
މަޖިލިހުގެ މެމްބަރުންގެ މަސައްކަތްތައް ފެންނަނީ ހަމައެކަނި ސްޕޮންސަރ ކުރައްވާ ބިލްތަކުގެ އަދަދަކުން ނޫން- މަޖިލިސް އިދާރާ
މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ނުކުރަން އިލްތިމާސްކުރެއްވި
މަޖިލިހުގެ މެމްބަރުންގެ މަސައްކަތްތައް ފެންނަނީ ހަމައެކަނި ސްޕޮންސަރ ކުރައްވާ ބިލްތަކުގެ އަދަދަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނެފިއެވެ. މަޖިލިހުން އިދާރާއިން މިފަދައިން ބުނެ ބަޔާނެއް ނެރެފައިވަނީ ބައެއް މެމްބަރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި މައުލޫމާތު ދައުރުކުރަމުންދާތީއެވެ.
ސޯޝަލް މީޑިޔާގައި އެފަދަ މައުލޫމާތުތަކެއް ދައުރުކުރަމުން ދަނީވެސް މަޖިލިހުގެ ރަސްމީ ވެބްސައިޓްގައި ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ވިދާޅުވީ މެމްބަރުން ކުރައްވާ މަސައްކަތް ފެންނަނީ ހަމައެކަނި ސްޕޮންސަރ ކުރައްވާ ބިލްތަކުގެ އަދަދުން ނޫން ކަމަށެވެ. އަދި ވަޒީރުންނާއި ސުވާލުކުރައްވަން ހުށަހަޅުއްވާ އަދަދާއި, ޤަރާރު ހުށަހަޅުއްވާ އަދަދަކީވެސް މެމްބަރުންގެ މަސައްކަތް ފެންނަ ހަމައެކަނި އަދަދުތައް ނޫންކަން މަޖިލިހުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
މަޖިލިހުގެ އިދާރާއިން ވިދާޅުވީ މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލިހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކު ކަމަށެވެ. އެކި މަރުހަލާ ތަކުގައި މެންބަރުންގެ ބައިވެރިވުމާއި ޝާމިލްވުން އޮންނަ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މަޖިލިހުގެ އިދާރާއިން ޢާއްމުކުރަމުން ގެންދާ މައުލޫމާތު ނަހަމަ ގޮތުގައި, އަދި ޢާއްމުންނަށް އޮޅުން އަރާގޮތަށް ބޭނުން ނުކުރުމަށް މަޖިލިހުގެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
"މަޖިލިހުގެ މައުލޫމާތު ޙިއްސާކުރައްވާއިރު ޒިންމާދާރުކަމާއެކީ މައުލޫމާތު ޙިއްސާކުރެއްވުމަށާއި, އަދި މައުލޫމާތު ޢާއްމުކުރެއްވުމުގެ ކުރިން އެމައުލޫމާތަކީ ތެދު މައުލޫމާތެއްކަން ކަށަވަރު ކުރެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ." ބަޔާން ނިންމާލަމުން ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






