ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަޙްމަދު ސަލީމަށް އަރުވައިފި
އަހުމަދު ސަލީމަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަރުވަނީ: ފޮޓޯ-ރައީސް އޮފީސް

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަޙްމަދު ސަލީމަށް އަރުވައިފި

5 hours ago - 11:25
Jul 27, 2025 - 11:26
Advertisement
Advertisement

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަޙްމަދު ސަލީމަށް އަރުވައިފިއެވެ. މި ޝަރަފް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. އެ މަނިކުފާނު ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. ޚާރިޖީ ދާއިރާގައި އަޙްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ.

އަހުމަދު ސަލީމް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް އަޙްމަދު ސަލީމް އަދާކުރައްވާފައިވެއެވެ. އަޙްމަދު ސަލީމް ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަޤުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭރު ޤައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން އަޙްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް ހިންގަވައިފައެވެ.

Advertisement
Advertisement

އަޙްމަދު ސަލީމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

އަޙްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ފުރުއްވައިފައިވެއެވެ.

އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޝަރަފާއެކު ޚިދުމަތުން ރިޓަޔަރ ކުރައްވަން ސަލީމް ވަނީ ނިންމަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement