
އަބަދުވެސް ސިޔާސަތަކީ ދިވެހިންގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިން އަމިއްލައަށް ކުރުން-ރައީސް ޑރ.މުއިއްޒު
މިދިޔަ ދޮޅު އަހަރަށްވުރެ ގިނަ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި
އިއްޔެވެސް, މިއަދުވެސް އަދި މާދަމާވެސް ސިޔާސަތަކީ ދިވެހިންގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިން އަމިއްލައަށް ކުސްރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ މިވާހަކަ ތަކުރާރުކުރެއްވީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ކުރިނަމަވެ އެހީތެރިކަން ހޯދަން ޖެހޭ ކަންކަމުގައި ގައުމުތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށެވެ. އެއާއެކު ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދުމަކީ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭކަންކަން ދިވެހިންގެ އަތުން ކުރުން, ދިވެހިރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ހުރިހާ ގައުމުތަކާވެސް ރަހުމަތްތެރި ގާތްގުޅުން ބޭއްވުން, އެއީ އަޅުގަނޑުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ދުވަހުވެސް, މިއަދުވެސް ދަންނަވަން އޮތް އަދި މާދަމާ ދަންނަވާނެވެސް ސިޔާސަތަކީ މިއީ" ރައީސް ވިދާޅުވިއެވެ.
އެކަމަކު ރައީސް ވިދާޅުވީ މިސިޔާސަތު ކުރިއަށް ގެންދެވޭނީ ކޮންމެ މީހަކު އެމީހެއްގެ ޒިންމާ އަދާކޮށްގެން ކަމަށެވެ. އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި, އެންމެން އެއްވިސްނުމެއްގައި ގައުމީ ލޯބީގައި އެއް މިސްރާބަކަށް ދާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމެއް ގައުމުގެ ގޮތުގައި އޮންނާނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ ތަރައްޤީ ކުރިއަށް ގެންދިއުމުގައި ސަރުކާރުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"އަޅުގަނޑުވެފައި ހުރި ވައުދުތައް ފުއްދުމުގައި އިހުލާސްތެރިކަމާ އެކީގައި ބުރަ މަސައްކަތް ކުރުމުގައި ހުރިހާ ވަޒީރުންނާއި, ސަރުކާރުގެ އެކިއެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންރައްޔިތުންގެ މަޖިލިހުގެ އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން މުޅި ސަރުކާރުން, މުޅި ދައުލަތުން މަސައްކަތް ކުރަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށްވުރެ ގިނަ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރެވިގެން ދާނެ ކަމަށެވެ.
ރިއެކްޝަންސް






