
ނިއުޓްރިޝަން މަދުވެ 7 ދުވަހުގެ ތުއްތު ކުއްޖެއްގެ މަރާއެކު ހައިހޫނުކަމުގައި ޣައްޒާއިން 126 މަރު
85 ކުޑަކުދިންވަނީ މަލްނިއުޓްރިޝަންގައި ނިޔާވެފައި
ނިއުޓްރިޝަން މަދުވެ ޣައްޒާގެ އަލް-އަޙްލީ ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުންދިޔަ އެންމެ 7 ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.
މި މަރާއެކު ހަނގުރާމަ ފެށިފަހުން ހައިހޫނުކަމުގައި ޣައްޒާއިން ނިޔާވި މީހުންގެ އަދަދު މިވަނީ 126 ށް އަރާފައެވެ. އޭގެތެރޭގައި 85 ކުޑަކުދިންވެސް ހިމެނެއެވެ.
ހޮސްޕިޓަލް އާ ހަވާލާދޑި އަލްޖަޒީރާއިން ބުނީ 7 ދުވަހުގެ ތުއްތު ކުއްޖާ ނިޔާވީ ކުއްޖާއަށްދޭނެ ކިރު ނެތިގެންކަމުގައެވެ.
މީގެ ދެ ގަޑިއެއްހާއިރުކުރިން މެދުތެރޭ ޣައްޒާއިން އަލްޖަޒީރާގެ ފަަލަޞްޠީނުގެ ނޫސްވެރިޔާ ހިންދު ހައުދަރީވެސް ވަނީ އެސަރަހައްދުން ޒައިނަބު އަބޫ ހަލިބް ނަމަކަށް ކިޔާ ތުއްތު ކުއްޖަކުވެސް ބަނޑަށް މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޒައިނަބުވެސް ނިޔާވެފައިވަނީ ކިރު ނުލިބިގެންކަމަށާއި, ޣައްޒާއިން ކުޑަކުދިންނަށްދޭ ކިރު އެއްކޮށް ހުސްވެފައިވާކަމަށް ހިންދު ވަނީ ބުނެފައެވެ. ކާބޯތަކެތި ނުލިބި ބަނޑަށްތިބޭ މައިންގެ ކިބައިން ކިރު ހުސްވެ ގާތުންދެވޭގޮތެއްވެސް ނެތްކަމަށް އޭނާވަނީ ބުނެފައެވެ.
އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާންނައިރު ހަމަލާތަކުގައި އެކަނިވެސް މިއަދު އިރުއެރީއްސުރެ 25 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި އެހީ ލިބިގަތުމަށް ކިއޫގައިތިބި 13 މީހަކުވެސް ހިމެނެއެވެ. ޤަތުލްއާންމަށް 22 މަސްފުރެން ދެ ހަފްުތާއަށް ވެފައިވާއިރު މިހާތަނަށް އިޒްރާއިލްއިން ވަނީ 59,675 މީހުން ޝަހީދުކޮށްލާފައި ކަމުގައި ޣައްޒާގެ ރަސްމީ ހިސާބުތައް ދައްކައެވެ.
ރިއެކްޝަންސް






