
އެސްޑީއެފްސީ ގައި އޮތް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލަން ނިންމައިފިއެވެ. މިނިންމެވުން ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން ކުރި މަޝްވަރާތަކަށްފަހު ރައީސް އޮފީހުން ވިދާޅުވިއެވެ. އެމަޝްވަރާތައް ކުރިއަށް ގެންދެވީ ބީއެމްއެލްއަށް ހިއްސާ ވިއްކާލުމުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހަޅުއްވި ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި, ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށާއި, މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށްކަންވެސް ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެން ދާނެއެވެ.
ރިއެކްޝަންސް






