
ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. އެމައްސަލާގައި ހައްޔަރުކުރީ އެރަށު ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) އެވެ.
އެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ވައިގެ މަގުންކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކުރީ އެފަދަ މައުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުންނެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން ހުމާމް ޙަސަން ނަޢީމްގެ ބަންދަށް 10 ދުވަސް އަދި ޢަބްދުﷲ އިބްރާހީމްގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.
މި މައްސަލަ ތަހުގީގުކުރަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުންނެވެ.
ރިއެކްޝަންސް






