
ފަހު މިނިޓްކޮޅު ތެރޭގައި ދިން ރައްދު ހަމަލާތަކާއެކު އީރާނުންވެސް ހަތިޔާރު ބަހައްޓައިފި
އީރާނުން ބުނީ އެމީހުން ސުންގަޑިއަށް ހަމަލާތައް ނިންމާލިކަމަށް
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމުގެ ސުންގަޑި ގާތްވެފައިވަނިކޮށް އީރާނުން އިޒްރާއިލްއަށް ދިން ފަހުގެ ރައްދު ހަަމަލާތަކާއެކު އީރާނުންވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
ޖޫން 13 ގައި އިޒްރާއިލް އިން އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު 12 ދުވަސްވަންދެން ދެފަރާތުން ހަމަލާތައް ބަދަލުކޮށްފައިވާއިރު "12 ދުވަހުގެ ހަނގުރާމަ" ނިންމާލިކަން ދެފަރާތުން އިއުލާން ކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރާއިލް އާއި އީރާންގެ ހަމަލާތައް ހުއްޓާލިކަން އިއުލާން ކޮށްފައެވެ.
ޓްރަމްޕް މިހެން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންގާރަ ދުވަހު ހެނދުނު އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އެމެރިކާގެ ރައީސްގެ ހުށަހެޅުމަށް އާނ ބަސް ބުނެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަށް ހާމަކޮށް ބަޔާނެއް ނެރެފައެވެ. އޭގެ ފަހުން އީރާނުންގެ ޓީވީން ވެސް ވަނީ ހަމަލާތައް ހުއްޓާލިކަމަށް ބުނެފައެވެެ.
ނަމަވެސް ނަތަންޔާހޫ ވަނީ އީރާނުން އެއްބަސްވުމާ ހިލާފްވެއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެފައެވެ. ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ފޫގަޅާލީ އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރފެސިލިޓީއަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުން އެމެރިކާއިން ޤަތަރުގައި ޤާއިމްކޮށްފައި ހުންނަ މެދުއިރުމަތީގެ އެންމެ ބޮޑު ވައިގެ އަސްކަރީ ބޭސްއަށް އީރާނުން ރޭ ހަމަލާ ދީފައި ވަނިކޮށެވެ.
ނާޒުކު އެއްބަސްވުމަަކަށް އައިކަމަށް ހުރިހާ ގައުމަކުން އިއުލާންކުރުމުގެ ކުޑައިރުކޮޅެއްކުރިން އީރާނުން ވަނީ އިޒްރާއިލްއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަޤާޝީ ވިދާޅުވީ ހަމަލާތައް ދީފައިވާނީ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ކަނޑައަޅާފައިވާ ސުންގަޑި ކަމުގައިވާ ހެދުނު 7:30 ގެ ކުރިން ކަމުގައެވެ.
"އަަހަރެމެންގެ ބާރުގަދަ އަސްކަރިއްޔާއިން އިޒްރާއިލްގެ ހަމަލާތަކަށް އަދަބު ދިނުމުގައި އެންމެ ފަހު ވަގުތުކޮޅުވެސް ބޭނުންކޮށްފައިވާނެ" މީސްމީޑިއާގައި އަގާޝީ ލިޔެފައި ވެއެވެ.
ރިއެކްޝަންސް






