
ޝަމްޢާންގެ ބަންދުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ތާއީދު ކުރީ ހައިކޯޓްގެ ނިންމުމަށް
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދުގެ ބަންދާމެދު ހައިކޯޓުން ތާއީދުކުރި އަމުރަށް ސްޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން, އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ކޮށްފައެވެ. ހައިކޯޓްގެ ނިންމުން ޝަމްޢަންގެ ފަރާތުން ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުން މިއަދު އެކޯޓުންވެސް ނިންމީ ހައިކޯޓްގެ ނިންމުން ރަނގަޅު ކަމަށެވެ.
ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗުން މިއަދު ކުރި ހުކުމްގައި ރިޔާސަތުގައި އިންނެވި ހުސައިން ޝަހުދީގެ ރައުޔަކީ ޝަމްޢާން ބަންދުގައި ބަހައްޓަން ނިންމި ނިންމުން ޤާނޫނާ ހިލާފްވި ގޮތެއް ޝަމްޢާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. އެރައުޔަށް ފަނޑިޔާރު ޢަބްދުالله ހަމީދު ތާއީދު ކުރެއްވިއެވެ. މިދެފަނޑިޔާރުންނަކީވެސް މިސަރުކާރު ހަވާލުވި ފަހުން ސްޕްރީމް ކޯޓް ބެންޗަށް އައްޔަންކުރެއްވި ދެފަނޑިޔާރުންނެވެ. މިސަރުކާރު އިންތިޚާބުވިއިރުވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޢާއިޝާ ޝުޖޫންގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން ވިދާޅުވީ ހެއްކަށް ނުފޫރު ފޯރުވުމުގެ އިހުތިމާލް އޮތްކަމަށް ދައުލަތުން ބުނި ނަމަވެސް, އެބުނުން ފިޔަވާ އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނެތް ކަމަށެވެ. ޝަމްޢާންއާއި ހެކިވެރިންނާ އޮތް ގާތް ގުޅުންވެސް ދައުލަތަށް ބުނެ ނުދެވޭކަން ފަނޑިޔާރު ޝުޖޫން ފާހަގަކުރެއްވިއެވެ.
ތިން ފަނޑިޔާރުންވެސް އިއްތިފާގުވީ ޝަމްޢާން ބަންދުކުރަން ފުރަތަމަ ނެރުނު 15 ދުވަސް ބާތިލްކުރަން ނުޖެހޭނެ ކަމަށެވެ. ޝަމްޢާން ހައްޔަރުކުރީ އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމްގައި ހުންނަވައިގެން ބިދޭސީން އަތުން ފައިސާ ހޯދި މައްސަލައެއްގައެވެ. މައްސަލާގެ ޝަރީއަތް ނިންމާ މިހާރު ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. ބިދޭސީއެއްގެ އަތުން 500,000 ރުފިޔާ ހޯދި ކަމުގެ ތުހުމަތު ޝަމްޢާނަށް ކުރެއެވެ. މައްސަލައިގައި އމިގްރޭޝަންގެ އިތުރު ތިން އޮފިސަރުންނަށްވެސް ދައުވާ ކުރެއެވެ.
ރިއެކްޝަންސް






